ހަކުރާއި ހަކުރު އަޅައިގެން ރާއްޖޭގައި އުފައްދާ ބުއިންތަކުން ޓެކްސް ނަގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ސިއްހަތަށް ގެއްލުންހުރި އެއްޗަކަށް ވާތީ އެނާޖީ ޑްރިންކް ކޮންޓްރޯލް ކުރުމަށް މީގެ ކުރިން އިމްޕޯޓް ޑިއުޓީ ބޮޑު ކުރި ކަމަށެވެ.

"ނަމަވެސް އޭގެ ނަތީޖާ އެދެވޭގޮތުގައި ނުހިފުނީ ކޮކާކޯލާ ކުންފުނިން ރައްޖޭގައި އެނާޖީ ޑްރިންކްސް އުފައްދަން ފެށީމަ، އެނާޖީ ޑްރިންކް ރާއްޖޭގައި އުފެއްދުމުގެ ނަތީޖާއަކަށްވީ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ދައުލަަތަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީ ނުލިބުން. ހަމައެއާ އެއްކޮށް އެކަމުން ހާސިލުކުރަން ބޭނުންވި މަގުސަދު ހާސިލުނުވި، އިމްޕޯޓް ކުރެވޭ އެނާޖީ ޑްރިންކްގެ އަގުބޮޑު ނަމަވެސް ރާއްޖޭގައި އުފައްދާ އެނާޖީ ޑްރިންކް ބާޒާރަށް ނެރުނީމަ ވިއްކަނީ އެ އެނާޖީ ޑްރިންކާ ދާދި އެއްއަގެއްގައި، އުފައްދާ ފަރާތްތަަކަށް ބޮޑުވެގެންވާ މަންފާއެއް ލިބޭގޮތަށް،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ނާޒިމް ވިދާޅުވީ، އިމްޕޯޓް ޑިއުޓީ އެކަނި ބޮޑުކޮށްގެން އެ މައްސަލަތަކަށް ހައްލެއް ނާންނަ ކަމަށެވެ. ސަބަބަކީ މިހާރު ރާއްޖޭގައި އުފައްދާ ބުއިންތަަކުން އިމްޕޯޓް ޑިއުޓީ ނުނެގޭތީ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަމަށްޓަކައި އިމްޕޯޓް ޑިއުޓީން ޓެކްސް ނެގުމުގެ ނިޒާމު ދޫކޮށްލައި، ނުވަތަ އޭގެ އިތުރުން އެކްސަސައިޒް ޑިއުޓީ ނެގޭނެގޮތް ހަމަޖައްސަންޖެހޭ ކަމަށެވެ.

"ރާއްޖޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ޓެކްސް ނެގޭނެ. ހަކުރުން ޓެކްސް ނެގުމަކީ ބޭރު ގައުުމުތަކުގައި ކުރާކަމެއް. މިދިޔަ ހަފުތާގައި މެލޭޝިޔާގައި ތައާރަފުކުރި ބަޖެޓުގައިވެސް ހަކުރުގެ ޓެކްސް ވަނީ ބޮޑުކޮށްފައި. ހަކުރު އަޅައިގެން ތައްޔާރުކުރާ ޑްރިންކްތަކުގެ އަގުވެސް ވަނީ ބޮޑުކޮށްފަ. އިނގިރޭސި ވިލާތުގައިވެސް ޝުގަރީ ޑްރިންކްސްއިން ޓެކްސްކުރަމުންދޭޭ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ ދުލަހެޔޮކަން ޔަގީންކުރުމަށް ހަމައެކެނި ދުންފަތުގެ ބާވަތްތަަކަށް ފޯކަސް ކުރުުމުގެ ބަދަލުގައި ހަކުރުގެ ބާވަތްތަކުން ޓެކްސް ނެގުމަށް ތައްޔާރުވެ، އެ ޓެކްސް ތައާރަފު ކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.