މިދިޔަ މަހުގެ ނިޔަލަށް އެކި މައްސަލަތަކާ ގުޅިގެން 48 ފުލުހަކަށް ފިޔަވަޅު އަޅައި 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއު ވިދާޅުވީ، ފުލުހުންނާ ގުޅޭ މައްސަލަތަކުގައި ވެސް އެހެން މައްސަލަތަކޭ އެއްފަދައިން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެފަދަ މައްސަލަތައް ވެސް ކުރިއަށް އޮތް ތަނުގައި އާއްމު ކުރައްވާނެ ކަމަށެވެ.

"މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ފުލުހުންގެ އެކިއެކި ކަންތައްތަކުގައި ހުށަހެޅިފައި ހުރި މައްސަލަތަކާ ގުޅިގެން ތަހުގީގު ކުރެވި 48 ފުލުހަކަށް ވަނީ ފިޔަވަޅު އެޅިފައި، މީގެ ތެރެއިން 17 ފުލުހަކު ވަނީ ވަޒީފާއިން ވަކި ކުރެވިފައި،" ޝުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު ވެސް އައްޑޫ އާއި ވާނީގައި 360 އަށް ވުރެ ގިނަ ފުލުހުން ތަމްރީންވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، ތަމްރީނަށް ނުގޮސް ވެސް ގިނަ އަދަދެއްގެ ފުލުހުން އެބަތިބި ކަމަށާއި އަމާޒަކީ، އަވަސް މުއްދަތެއްގައި އެ ފުލުހުންނަށް ވެސް ތަމްރީން ދެވިގެން ދިއުން ކަމަށެވެ.

ސުޖާއު އިތުރަށް ވިދާޅުވީ އެކްސިޑެންޓްތައް މަދުކުރުމަށް މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އިތުރު ފުލުހުން މިހާރު ނެރެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެކްސިޑެންތައް މަދުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.