ދައުލަތުގެ ބެލުމުގެ ދަށުން، ތ. ވޭމަންޑޫގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބަލަހައްޓަމުން އައި ހުރިހާ ކުދިން އެ ރަށުން ބަދަލުކޮށްފިއެވެ.

އެ ރަށުން އެ ކުދިން ބަދަލުކުރަން ޖެހުނީ، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) ހުރި އަންހެން ކުއްޖަކު، އެ ތަނުގައި މަސައްކަތް ކުރާ އެ ރަށުގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ހޫނުވެ، ރަށު ރައްޔިތުންތަކެއް މުޒާހަރާކޮށް ނުރުހުން ފާޅުކުރަމުންނެެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ ރަށުގައި ޖެންޑާއިން ބަލަހައްޓާ ހުރިހާ ކުދިން މިހާރު ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެނގިފައިވާ ގޮތުގައި މުވައްޒަފަކަށް ހަމަލާދީން 16 އަހަރުގެ އެ އަންހެން ކުއްޖާ އެ ރަށަށް ގެންދިޔައީ މީގެ ގާތްގަނޑަކަށް ނުވަ މަސް ކުރިންނެވެ.

އެ ކުއްޖާގެ ފަރާތުން އެހެން ބައެއް ކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވާ ކަމަށްވެސް އެ ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

ވޭމަންޑޫ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ފަސް ކުދިން ތިބެއެވެ.