އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެމަނިކުފާނު އެ ގޮތަށް ނިންމެވީ ޖުމްހޫރީ ދުވަހާ ގުޅިގެން ކަމަށެވެ.

އެގޮތުން، މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން އޮތް ދުވަހަކީ ރަސްމީ ދުވަހަކަށް ވާތީ ބަންދު ދުވަހަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން ދެވަނަ ޖުމްހޫރިއްޔާ ގާއިމުވެފައިވަނީ 11 ނޮވެމްބަރ 1968 ގައެވެ.