މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަށް ގައިޑެންސް ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، އެ ކުންފުނީގެ ކެރިއާ ގައިޑެންސް ޕްރޮގްރާމުގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއާޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަގުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުން ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ބޭއްވި ފުރަތަމަ ފެއާ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ގާޒީ ސްކޫލުގައެވެ. އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ގާޒީ ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު އަދި ސްކޫލާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"އެމްއޭސީއެލް ކެރިއާ 2024" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށާއި އެގޮތުން ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޝަރީފު ވިދާޅުވީ އެއާޕޯޓް ހިންގާ ހުޅުލެއަކީ އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ހިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއްވެސް ހުރި ތަނެއް ކަމަށެވެ. އެހެންކަމުން އެމްއޭސީއެލް އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގުފަހިވެފައި އޮތް ކުންފުންޏެއް ކަމަށާއި ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާޒީ ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ ވިދާޅުވީ ދަރިވަރުން ސްކޫލް ނިންމާއިރު އެ ކުދިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އެނގިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސްކޫލްތަކާއި މުޖުތަމައުއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށާއި އެމްއޭސީއެލް ކަހަލަ ބޮޑު ކުންފުންޏަކުން މިފަދަ ހަރަކާތެއް ބޭއްވުމަކީ އެ ކުންފުނިން ގައުމު ބިނާކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެމްއޭސީއެލް ކެރިއާ 2024" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފެއާ ކުރިއަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު