ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިންމާލައިފިއެވެ.
އެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާއާ ހަވާލުކުރީ މިދިޔަ މޭ މަހުގެ 22 ވަނަ ދުވަހުއެވެ.
އިންފްރާސްޓަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިންމުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އިންފްރާސްޓަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސަފީރު، ވަންގް ލިކްސިންއެވެ.
އިންފްރާސްޓަކްޗާ މިނިސްޓްރީން ބުނީ އެ މަޝްރޫއުގައި ދެން އޮންނާނީ ޑިޒައިނިން މަސައްކަތްތައް ކަމަށެވެ.
މި ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި މިނިސްޓްރީގެ އިސްވެރިންނާއި ޗައިނާ އެމްބަސީ އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިދިޔަ މާޗް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން ވިލިމާލޭގެ ސިއްހީ ހިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"ވިލިމާލޭގައި އަޅުގަނޑު އިއުލާންކޮށްފަވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު އެބަހިނގާ. ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އޮތީ. މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް، ޑިޒައިނިންނާއި ޓެކްނިކަލް މަސައްކަތް. އެކަމަށް ބިން ވެސް ކަނޑައަޅާފަ މިހާރު އެއޮތީ،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައި ވަނީ ޑިޒައިނިން އަދި ޓެކްނިކަލް މަސައްކަތް ނިމުމުން، ހޮސްޕިޓަލް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު