ބަލިވެ އިނުމާއި ގުޅިގެން ތެލެސީމިޔާ ކުއްޖެއްތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓް "ޕްރީމޭޗާ ޑައިގްނޯސިސް" ފެށުމަށް ޓަކައި ކުރަންޖެހޭ ތައްޔާރީތައްވެސް މިހާރު ވަނީ ވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި، ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން 2024-2034 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނާޒިމް ވިދާޅުވީ ތެލެސީމިޔާ ކަށަވަރު ކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި ކޮންމެހެންވެސް ހަދަން ޖެހޭ ޑީއެންއޭ ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
"އަދި މީގެ އިތުރުން ބަލިވެ އިނުމާ ގުޅިގެން ތެލެސީމިޔާ ކުއްޖެއްތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓް "ޕްރީމޭޗާ ޑައިގްނޯސިސް" ފެށުމަށްޓަކާ ކުރަން ޖެހޭ ތައްޔާރީތައްވެސް މިހާރުވަނީ ވެފަ. މި ދެންނެވި މަސައްކަތްތައް ހަގީގަތަކަށް ހަދައިދިނުމަށް ފަންނީ އަދި އިދާރީ އެންމެހާ ފަރާތްތަކަށް ހައްގު ތައުރީފާއި އައްސަރިބަހާ ސާބަސް. މި ފަދަ ކޮންމެ ކަމެއްގައި ޑަބްލިއުއެޗްއޯއިން އަބަދުވެސް ދެއްވާ އެހީތެރިކަން ފާހަގަކޮށް ޑަބްލިއުއެޗްއޯއަށް ޝުކުރުދަންނަވަން. އަދި ވަކިން ހާއްސަކޮށް ކުރީގެ ހެލްތު މިނިސްޓަރު މިހާރުގެ ފޮރިން މިނިސްޓަރު މިދެންނެވި ކަންތައްތައްތައް ތަންފީޒު ކުރުމަށްޓަކާ ކޮށްދެއްވައިފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޑރ. އަބްދުﷲ ހަލީލަށް ވަރަށް އިހުލާސްތެރިކަމައެކު ޝުކުރު ދަންނަވަން" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ތެލެސީމިޔާ ބަލީގެ ހާލަތު ރަނގަޅު ކުރުމަށް ފާއިތުވި ދިހަ މަސްދުވަހުގެ މަސައްކަތަށް އަލިއަޅުވައިލައްވަމުން ނާޒިމް ވިދާޅުވީ ހީނަރުވެފައިވާ ތެލެސީމިޔާ ކުދީން ފާހަގަކުރުމުގެ މަސައްކަތް އިތުރު ގިޔަރެއްގައި ކުރިއަށްގެންދެވި އެ ބައްޔަށް ހާއްސަކޮށް ސްކޫލު ކުދީން ހޭލުންތެރި ކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށްގެންދެވިފައިވާ ކަމަށެވެ.
"2025 ވަނަ އަހަރު، މި އަންނަ އަހަރު ބޯންމެރޯ ހެދުމަށް ފޮނުވާނެ ކުދީން ސްކްރީން ކުރުމުގެ މަސައްކަތް ވެސް މިހާރުވަނީ ފެށިފަ" ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ނާޒިމް ވިދާޅުވީ ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބެސްޓް ޕްރެކްޓިސް، އެންމެ ރަނގަޅަށް ކުރާ ދެ ގައުމުކަމުގައިވާ އިޓަލީ އާއި ސައިޕްރަސްއާ މަޝްވަރާ ކުރެވި ފަންނީ އެހީ ހޯދުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
"ތެލެސީމިޔާ ކޮންޓްރޯލްކުރުމުގެ ބެސްޓް ޕްރެކްޓިސެސް، މިކަން އެންމެ ރަނގަޅަށް ކުރާ ދެ ގައުމުކަމުގައިވާ އިޓަލީއާއި ސައިޕްރަސްއާ މަޝްވަރާ ކުރެވި ފަންނީ އެހީ ހޯދުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފަ. ތެލެސީމިޔާ ފަންޑު އެކުލަވާލެވި ނޭޝަނަލް ބްލަޑް ބޭންކުގެ މަސައްކަތް ކުރިއަށް އެބަ ގެންދެވޭ." ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ތެލެސީމިޔާ ބަލި އެންމެ ފުރަތަމަ ފާގަހަވެފައި ވަނީ 1970 ގެ ކުރީކޮޅުގައެވެ. މި ސަރުކާރު ހިންގަންފެށި ފަހުން ރާއްޖޭގެ ހަތަރު ސަރަހެއްދެއްގައި ބްލަޑް ބޭންކު ވަނީ ގާއިމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު