ޖުޕިޓާގައި އޭލިއަނުންގެ އަސަރު ހުރިތޯ ބެލުމަށް ނާސާއިން އުޅަނދެއް ފޮނުވައިފިއެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި، އެ އުޅަނދު މަސައްކަތް ކުރާނީ ޖުޕިޓާ ވަށައިގެން ހުންނަ ހަނދުތަކުގައެވެ. އެ ހަނދުތަކުގެ އަސްލު ހަގީގަތް ހޯދުމަށް މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާކަމަށް ވެސް ނާސާއިން ބުނެއެވެ.

އެމެރިކާގެ ފްލޮރިޑާއަށް އެރި ތޫފާން މިލްޓަންގެ ސަބަބުން އެ އުޅަނދު ޖައްވަށް ފޮނުވުން ލަސްކުރުމަށް ފަހު ނާސާއިން މި މިޝަން ފެށީ އިއްޔެއެވެ.

ނާސާއިން ލަފާކުރާ ގޮތުން އެ އުޅަނދު އެނބުރި ދުނިޔެއަށް އަންނަނާނީ 2030 ވަނަ އަހަރު އެވެ. އެ މިޝަންގެ ސަބަބުން އިންސާނުން ސޯލާ ސިސްޓަމާ މެދު ދެކޭ ގޮތް މުޅީން ބަދަލުވެގެން ދާނެ ކަމަށް ވެސް ނާސާއިން ބުނެއެވެ.

މީގެ ކުރިން ޔޫރަޕިއަން ސްޕޭސް މިޝަނެއްވެސް ޖުޕިޓާގެ ހަނދުތަކުގެ ދިރާސާއަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އުޅަނދަށްވުރެ ކުރީން ނާސާގެ އުޅަނދު އެ ސަރަހައްދަށް ދާނެ ކަމަށް ނާސާއިން ބުނެއެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި ޖުޕިޓާގެ ހަނދުގައި ވެސް ދުނިޔެއާ އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން ދިރުން ހުރިކަމުގެ ހެކި ފެނިދާނެ ކަމަށްވެސް ނާސާއިން އުއްމީދުކުރެއެވެ.