ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިފިން (އެމްއެސްއެސް)ގެ ބޯޓުތަކުގައި މިފްކޯއިން މަސް އެކްސްޕޯޓްކުރަން ފެށުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ހަފުލާއެއްގައި އެމްއެސްއެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އިލިޔާސް ޝަރީފެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މިފްކޯގެ މަހާއި މަހުގެ އުފެއްދުންތައް ދުނިޔޭގެ ކޮންމެ ގައުމަކަށް ފޮނުވައިދިނުމުގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެސްޓީއޯ އެމްޑީ ޝިމާދު އިބްރާހީމްގެ ފަރާތުންވެސް އިރުޝާދު ލިބިފައިވާ ކަމަށެވެ.
"މިފްކޯއިން ދޭ މަހުގެ ޝިޕްމަންޓުތައް އެ ވިދާޅުވާ ރަށަކުން، މައިގަނޑު ގޮތެއްގައި ކޫއްޑޫ އަދި މަހުގެ އުފެއްދުންތައް އުފައްދާ އެހެން ރަށްތަކުންވެސް، ބޯޓު ގެންގޮސްގެން ނުވަތަ އެހެން އުޅަނދެއްގައިވެސް އެބޭފުޅުން (މިފްކޯއިން) ވިދާޅުވާ މާކެޓަކަށް ގެންދިއުމުގެ ގާބިލުކަން އިރާދަކުރެއްވިއްޔާ ކުންފުނީގައި އެބަހުރި،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެމްއެސްއެސްގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަތް އޮތްތަނުގައި އެކަމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދިއުމަށް ނިިންމާފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މިހާރުވެސް މިފްކޯގެ މަސް ކޮންޓެއިނަރުތައް ބޭރުކުރުމުގެ ގާބިލުކަން އެމްއެސްއެސްގެ ބޯޓުތަކުގައި އެބަހުރި ކަމަށާއި ކުރިއަށްއޮތް ތަނުގައި އެ ހިދުމަތް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަލެއް ކުންފުންޏަށް އިތުރުކޮށްގެން ކޭޓާކުރާނެ ކަމަށެވެ.
"މަސްވެރިކަމަކީ ރާއްޖޭގެ ވަރަށް ވަރުގަދަ ސިނާއަތެއް. އެ ސިނާއަތަށް ކުރެވޭނެ މުހިންމު އިންވެސްޓެއްކަމުގައި މި ބަލަނީ. ކުންފުނިން މިކަމަށް ހޭދައެއް ކުރިޔަސް. އެއާއެކީގައި މީގެން ލިބޭނެ އަނެއް ނަފާއަކީ މިފްކޯއިން ކުރީގައި ބޯޓު ކުއްޔަށް ހިފައިގެން މަސް ގެންދެވޭނީ. ބޯޓު ކުއްޔަށް ހިފުމުގައި ޑޮލަރު ބޭރުވެގެންދާނެ. މިހާރު އެ ބޭފުޅުން (މިފްކޯއިން) ދެއްވާ އެއްޗެއް ލިބޭނީ ގައުމީ ކުންފުންޏަށް. މިއީވެސް ފައިދާއެއް،" ޝަރީފު ވިދާޅުވިއެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއެފްއޯ އިލިޔާސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ހެޔޮ އަގެއްގައި އެކަން ކުރެވިގެން ދިއުން ކަމަށާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ފައިދާހުރި ގޮތެއްގައި އުފެއްދުންތައް ފޯރުކޮށްދެވޭނެ ގޮތެއް ވެގެންދިއުމަކީ، އުފެއްދުންތަކަށް ލިބިގެންދާނެ ބާރެއް ކަމަށެވެ.
ދެމެހެއްޓެނިވި ގޮތަކަށް އާމްދަނީ ދަމަހައްޓަން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާ ކަމަށާއި ކޮންޓެއިނަރުގައި މަދު އަދަދުތަކުން މަސް އެކްސްޕޯޓު ކުރެވޭނެ ގޮތް ވެގެންދިއުމަކީ ވެސް ދަށް މޫސުމުގައި ދެމެހެއްޓެނިވި ގޮތަކަށް މަސް އެކްސްޕޯޓު ކުރުމަށް މުހިންމު ކަމެއް ކަމަށް އިލިޔާސް ވިދާޅުވިއެވެ.
އެ ހަފުލާގައި އެމްއެސްއެސްގެ ޗީފް ކޮމާޝަލް އޮފިސަރު ތާހާ މުހައްމަދު ވިދާޅުވީ ދުނިޔޭގެ ދެކުނު އަދި މެދު އިރުމަތީގެ ހުރިހާ ޕޯޓުތަކަށާއި މި ސަރަހައްދުގެ ޕޯޓުތަކަށް އެމްއެސްއެސް އިން ކޮންޓެއިނަރު ގެންދާ ކަމަށާއި އެ ނޫން ތަންތަނަށް ފޮނުވަން މަސަައްކަތްކުރާނީ ތާޑްޕާޓީ އޮޕަރޭޓަރަކާއެކު ކަމަށެވެ.
"ފަސް ބޯޓު އޮޕަރޭޓް ކުރަން. އެއްބޯޓަކީ 1100 ކޮންޓެއިނަރު އުފުލޭ ބޯޓެއް. އަނެއް ދެ ބޯޓަކީ 600 ކޮންޓޭނަރު އުފުލޭ ބޯޓެއް. ލޯކަލީ ބޭނުންކުރާނީ އެއްފަހަރާ 80 ކޮންޓެއިނަރު އުފުލޭ ބޯޓެއް، 20 ރީފަރ ކޮންޓެއިނަރު އެއްފަހަރާ ކެރީ ކުރެވޭނެ،" ތާހާ ވިދާޅުވިއެވާ.
މިފްކޯ އިން ބުނީ އެމްއެސްއެސް އިން މަސް އެކްސްޕޯޓު ކުރުމުގެ ޓެކްނިކަލް މަސައްކަތާ ހަވާލުވުމުން، މިފްކޯގެ ކުރިން ހިނގަމުންދިޔަ އޮޕަރޭޝަން ލުއިވެ، މިފްކޯގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް އިތުރަށް ސަމާލުވެ މަސްއޫލުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި، މިފްކޯ، އަދި ރާއްޖޭގެ އިގުތިސާދަށް، ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާކުރާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު