ރާއްޖޭގެ ފުރަތަމަ ޑިވްލޮޕްމަންޓް ބޭންކަށް، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ލައިސެންސް ދޫކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިވްލޮޕްމަންޓް ބޭންކަށް މިއަދު ހުއްދަ ލިބިފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނި، ރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށް ރައީސް ގެންގުޅުއްވާ ސިޔާސަތާ ލިބިގެންދިޔަ ވަރަށް ވެސް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޑިވްލޮޕްމަންޓް ބޭންކަށް ލައިސެންސްދީ އެކަމުގެ ހުއްދައިގެ ލިޔުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
"ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައިވަނީ މިއަހަރުގެ މެއި މަހުގެ 16 ގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ. އެއީ ބައިނަލްއަގުވާމީ މާލީ އެކި އިދާރާތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިދިޔަ މަހުގެ 21 ގައި އެ ބޭންކުގެ ބޯޑު މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އެއީ މާލެ، މއ. ވޭސައިޑް 805 ފްލެޓް، އަހުމަދު އަލީ، ސިންގަޕޫރުގެ ރައްޔިތުން ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު އަދި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާންޓްއެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ރައީސް އުފެއްދެވި ބޭންކެއް ކަމަށެވެ.
ޑިވެލޮޕްމެންޓް ބޭންކު ހަދާފައިވަނީ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައެވެ.
ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު