ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިޑްސް ސޭވާ އެކައުންޓުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، ގެނައި ބަދަލުތަކާއެކު ދިވެހި ރުފިޔާ އެކައުންޓުތަކަށް ތިން ޕަސެންޓް ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 ޕަސެންޓް ފައިދާ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ހުޅުވާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ހާއްސަކޮށް ބޮޑެތި އިނާމުތަކާއެކު އާ ޕްރޮމޯޝަނެއްވެސް ފަށާފައިވާ ކަމަށް ބުންޏެވެ.

ޕްރޮމޯޝަންގައި ދޭ އިނާމުތައް:

  • ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް: ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ
  • ކޮންމެ އަހަރަކު ދެވޭ އިނާމު: އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓުތަކަށް ބަދަލު ގެނެސް ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގުބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވާ އެކައުންޓަކާއެކު ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓާކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް." އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/kids-saver-promotion