އައިޖީއެމްއެޗް ސަރަހައްދުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ހެދި ޑްރެއިން ސިސްޓަމް މިއަދު ބޭނުންކުރަން ފަށައިފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ ސަރަހައްދުގައި ޑްރެއިން ސިސްޓަމެއް ބެހެއްޓީ އެއީ ސަރުކާރު މައި ހޮސްޕިޓަލް ހުންނަ ސަރަހައްދަށްވެފައި، އެ ސަރަހައްދުގައި ފެންބޮޑުވާތީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ.

ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނާ ހަމައަށް މާލެއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވި ނަމަވެސް އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައި އެހާ ވަރަށް ފެންބޮޑުވެފައެއް ނުވެއެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމު މިއަދު ވަނީ އެ ސަރަހައްދުގެ ވީޑީއޯއެއް އެކްސްގައި އާންމުކުރައްވައިފައެވެ. އެ ވީޑިއޯއިން ފެންނަނީ މީގެ ކުރިން ވަރަށް ބޮޑަށް ފެންބޮޑުވާ އެ ސަރަހައްދުގައި ވަރަށް ކުޑަކޮށް ފެން ބޮޑުވެފައިވާ މަންޒަރެވެ.

"ސްޓޯމް ޑްރެއިނޭޖް ސިސްޓަމް އެބަ މަސައްކަތްކުރޭ. އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައެއް ނެތް،" ހަލީމް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑްރެއިން ސިސްޓަމް ހަރުކުރުމުގެ އެ މަސައްކަތަކީ އެއީ ފެންބޮޑުވާ މައްސަލައަށް ވަގުތީގޮތުން ހައްލު ހޯދައިދިނުމަށް ސަރުކާރުން ފަށައިފައިވާ މަސައްކަތެއް ކަމަށެވެ.

"މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެއެވެ،" މުއްތަލިބު ވިދާޅުވިއެވެ.

އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައި ފެންބޮޑުވިނުވި ނަމަވެސް އައިޖީއެމްއެޗް ހުންނަ ކަނބާއައިސާރަނި ހިނގުމުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެގޮތުން މަޖީދީ މަގާއި ކަނބާއައިސާރަނި ހިނގުން ގުޅޭ ހިސާބުން ފެށިގެން ގޮސް ހިރިޔާ ސްކޫލަށް ހަމައަށް އޮތީ މިއަދު ހަވީރު ވެސް ފެންބޮޑުވެފައެވެ.