ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ބ. ކަމަދޫ ނެށުންތެރިޔާ އާމިނަތު ޒާރާއާ ކައިވެނި ބައްލަވައިގެންފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޒާރާއާ ސިޔާމް ކައިވެނި ބައްލަވައިގެންނެވީ ކ. އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ސިޔާމާއި ޒާރާގެ ކައިވެނި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ، އޮޅުވެލި ރިސޯޓުގައެވެ. އެ ހަފުލާގައި ބައިވެރިވުމަށް ޒާރާގެ އާއިލާގެ މެންބަރުން ވެސް މިވަގުތު ތިބީ އޮޅުވެލީގައެވެ. އެ ހަފުލާގެ ކުރިން މިއަދު ހަވީރު ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށްދިޔަކަމުގެ މައުލޫމާތު ލިބެއެވެ.

ސިޔާމާއި ޒާރާގެ ކައިވެނީގެ ހަބަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތާ މިހާރު ދުވަސްތަކެއް ވެފައިވާ އިރު، އިއްޔެ ވަނީ ރަން ކިއުމުގެ ދަރުބާރުގެ ވީޑިއޯއެއް ވެސް އާންމުވެފައެވެ. އެ ދަރުބާރުގައި ޒާރާ ވަނީ ލޯބީގެ ރީތި ލަވައެއް ވެސް ކިޔައިފައެވެ. ދިވެހިވަންތަ، ހުދު ހެދުމެއްގައި ޒާރާ ހުރި އިރު، އެ ހަފުލާވެސް ޒީނަތްތެރިކޮށްފައިވަނީ ދިވެހިވަންތަކޮށެވެ.

ޒާރާގެ މި ލަވައިގެ ޅެމުން މާނަކޮށްދެނީ އޭނާ ސިޔާމަށް ދޭ ލޯބީގެ އަސަރު ގަދަ މެސެޖުތަކެކެވެ.

ރަންކިއުމުގެ ދަރުބާރުގައި ސިޔާމްވެސް އިންނެވި އިރު، ސިޔާމްގެ ވައަތް ފަޅީގައި އޭނާގެ ކޮއްކޮ، ހުސެއިން ސާލިމް މުހައްމަދުވެސް އިންނެވިއެވެ.