މަސައްކަތު މާހައުލުގައި ނަފުސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ، މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކޮންމެ އަަހަރެއްގެވެސް އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހަކީ ބައިނަލްއަގުވާމީ "މެންޓަލް ހެލްތު ޑޭ" އެވެ. މި އަހަރުގެ ޝިއާރަކީ "މެންޓަލް ހެލްތު އެޓް ވޯކް" ނުވަތަ "މަސައްކަތުގެ ވެށީގައި ނަފުސާނީ ދުޅަހެޔޮކަން" އެވެ.

މި ޝިއާރަށް އަލިއަޅުވައްވައިލައްމުން މިނިސްޓަރު ނާޒިމް ދެއްވި މެސެޖުގައި ވިދާޅުވީ މުވައްޒަފުންނަށް ރައްކާތެރި، އަޅާލައި، އޯގާތެރި މަސައްކަތު މާހައްލެއް ބިނާކުރުމަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަގުސަދުތައް ހާސިލުކުރުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ. ނަފުސާނީ ބަލީގެ ހާލަތު ރާއްޖޭގައި ވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ،" ނާޒިމް ވިދާޅުވިއެެވެ.

އެެހެންކަމުން ނަފުސާނީ ބަލިތަކާއި ހާލަތްތަކުގެ ސަބަބުން، އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމާއި ގަވާއިދުން މަސައްކަތުގައި ޝާމިލުނުވެވުމުގެ ސަބަބުން، އާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ގައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރު ކުރާކަން ފާހަގަވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަފުސާނީ ސިއްހަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން ކަމަށާއި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު އެކަމަށް ހޭލުންތެރިވެ، ނަފުސާނީ ބަލިކަމާ ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ވީމާ ނަފުސާނީ ސިއްހަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު، އެހާމެ ބޭނުންތެރި ކަމެއް. މިގޮތުން ނަފުސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުން އެއީ މި ސަރުކާރުގެ ސިޔާސަތެއް އަދި އަމާޒެއް. އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުމެން ކޮންމެ ފަރުދަކީ، ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފުސާނީ ސިއްހަތަށް އަޅާލައި އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރު އެޅުން،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފުސާނީ ސިއްހަތަށް ފުޅާދާއިރާއެއްގައި އިންވެސްޓުކޮށް، ނަފުސާނީ ސިއްހަތުގެ ރަނގަޅު ފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.