އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކި ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ ގައުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކަންކަން ފަހިކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ލިޔެވިފައި އޮތް، ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

"އެހެންވީމާ މި ބައްދަލުވުމުގައި ހަގީގަތުގައި އަޅުގަނޑު ބޮޑަށް ބޭނުންވަނީ އެޖެންޑާގައި ވަކިން ހިމަނާފައި ނެތް ނަމަވެސް، ތިބޭފުޅުން އަޅުގަނޑު ގާތުގައި ތިބޭފުޅުންގެ އިހުސާސްތައް ނޫނީ، ކަންބޮޑުވުމެއް އޮތަސް، ނޫނީ ހިޔާލެއް އޮތަސް އެކަންކަން ބޭނުންފުޅުވެލައްވާ ބޭފުޅުން ވިދާޅުވެދެއްވާ. އޭރުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް އަޅުގަނޑުމެންގެ ހައި ކޮމިޝަން މެދުވެރިކޮށް މަސައްކަތްތައް ކުރާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުން މަގުސަދުތައް ހާސިލުވެފައިވާ ކަމަށެވެ. އަދި ރައީސް ވަނީ އެކަންކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫނާރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.