އެމިރޭޓްސްގެ ފްލައިޓުތަކުގައި ޕޭޖަރާއި ވޯކީޓޯކީ ގެންދިއުން މަނާކޮށްފިއެވެ.

އެމިރޭޓްސް އިން އެ ނިންމުން ނިންމާފައި ވަނީ މިދިޔަ މަހު ލުބުނާނުގައި ޕޭޖަރާއި ވޯކީޓޯކީ ގޮއްވާލައިގެން ދީފައިވާ ހަމަލާގެ ސަބަބުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމިރޭޓްސް އިން ވަނީ މެދުއިރުމަތީގައި، ހާއްސަކޮށް ލުބުނާނާއި އިސްރާއީލު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދަށް ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. އިރާގާއި އިރާނަށް ކުރާ ދަތުރުތައް އަންނަ އަންގާރަ އާއި ހަމައަށް މެދުކަނޑާލާފައިވާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ. އަދި ލުބުނާނަށް ކުރާ ދަތުރުތައް މިމަހުގެ 15 އާއި ހަމައަށް މެދުކަނޑާލާފައެވެ.

ސެޕްޓެމްބަރު މަހު ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ޕޭޖަރާއި ވޯކީޓޯކީތަކެއް ގޮއްވާލައިގެން ދީފައިވާ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ އެތައްހާސް މީހުންނަށް ވަނީ އަނިޔާވެފައެވެ.