ރާއްޖޭގެ އުތުރުގެ މެރިޓައިމް ސާވިސަސް އިން، ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް ކުރެވިފައިވާ އިންތިޒާމުގެ ތެރެއިން، ބައިނަލްއަގުވާމީ ސީމަނުންނަށް ހިދުމަށްދިނުމަށް "ސީމެންސް ރެސްޓް" ގެ ނަމުގައި ހިޔާއެއް ހއ. އުލިގަމުގައި މިއަދު ހުޅުވައިފިއެވެ.

"ސީމެންސް ރެސްޓް" ހުޅުވާފައިވަނީ އިހަވަންދިއްޕޮޅުގައި ތައްޔާރުކޮށްފައިވާ، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު ފެސިލިޓީ ކައިރީގައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސީމެންސް ރެސްޓް" ހިޔާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ކުޅިވަރު ކުޅޭނެ ފެސިލިޓީތަކާއި ރީޑިން ކޯނާއަކާއި ކޮފީ އަދި ސައި ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ވަޖީހު ވިދާޅުވީ "ސީމެންސް ރެސްޓް"އަށް ދިޔަ ޗައިނާގެ ސީމަނަކު ވަނީ "ސީމަން ރެސްޓް" ހިޔާގެ ހިދުމަތްތަކާއި އެތަނުގެ ފުރިހަމަކަން ފާހަގަކޮށްފައި ކަމަށެވެ.

"މި ޓޭންކާގެ ކައްޕި، ޗައިނާގެ ރައްޔިތެއް ބުނި ގޮތުގައި އޭނާގެ ސީމެންސްގެ ހަޔާތުގެ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މިއަދު އުތުރު މެރިޓައިމް ސާވިސަސް އިން ލިބުނު ފަދަ ފުރިހަމަ ހިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް ލިބިފަކާ ނެތެވެ. އެހެންކަމުން އެމީހުން ތިބީ ދިވެހިރާއްޖެއިން މި ލިބުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި އޭނައާއި އޭނާގެ ކުރޫއިންގެ ނަމުގައި އުތުރު މެރިޓައިމް ސާވިސަސްއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއެވެ،" ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލްގެ އަމާޒަކީ އުތުރު މެރިޓައިމް ސާވިސަސް އިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިންޓަނޭޝަނަލް މާކެޓުގެ ބޮޑު ހިއްސާއެއް ރާއްޖެއަށް ހޯދުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ މެރިޓައިމް ހިދުމަތް ފުޅާކުރައްވައި، އެ ދާއިރާއިން އިގުތިސޯދަށް ބޮޑު މަންފާއެއް ހޯއްދަވައިދެއްވުމަށް ފެއްޓެވި މަސައްކަތުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.