މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހދ. ހިރިމަރަދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ މަސައްކަތް ނިންމައި، ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އެ ކުންފުންޏާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ފެނަކަ ކޯޕަރޭޝަންގެ ބޭފުޅުން ހިރިމަރަދުއަށް ވަޑައިގެން ކަމަށެވެ.
ހިރިމަރަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮލީގެ މައި ނެޓްވޯޓް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެޝަން ގުޅައިދީފައިވާ ކަމަށާއި ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކެޓް ލައިން ވެސް އަޅާފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިން ލައިން އަޅައި، ފަމްޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް އަޅާފައިވާ ކަމަށާއި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވެސް ގުޅައިދީފައިވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހިރިމަރަދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 70 މިލިއަން ރުފިޔާގެ އެ މަޝްރޫގެ ސަބަބުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު