ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ތައާރަފުކުރި 'ބޭންކް ފަންޑް' ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ޖަމިއްޔާތައް އިއުލާންކޮށްފިއެވެ.

ބީއެމްއެލުން ބޭންކް ފަންޑަށް ފުރަތަމަ ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން އެ މުއްދަތު މިދިޔަ މަހުގެ 10 އަށް ވަނީ އިތުރުކޮށްފައެވެ.

ބޭންކް ފަންޑު ކާމިޔާބުކޮށްފައިވަނީ ފަސް ޖަމިއްޔާއެކެވެ. އެއީ މުރަކަ ފާމް، ޗިލްޑްރަން އޮފް މޯލްޑިވްސް، ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން، ވޭމަންޑޫ ޒުވާނުންގެ ގުޅުން އަދި ޔުނިޓީ ސްޕޯޓްސް އެކަޑަމީއެވެ.

  • މުރަކަ ފާމް: ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއު
  • ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާ މެދު ޝައުވެރިކަން އުފައްދައި ހޭލުންތެރިކޮށް، އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ލައިބްރަރީއެއް ގާއިމުކުރުން
  • ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއެއް
  • ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިން ރޫމެއް ގާއިމުކުރުން
  • ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީކުރުން

އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށާއި އެ ފަސް ޕްރޮޖެކްޓުން މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ ކަމަށެވެ. އަދި ޕްރޮޖެކްޓުތަކަށް އެހީތެރިވެދެވޭކަމީ ބީއެމްއެލްއަށް ލިބޭ ފަހުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އެ ބޭންކުން އަބަދުވެސް ނުހަނު ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ.