ސަރުކާރުގެ ޕީއެސްޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމުކުރާ ދ. މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން، އެ ރަށު ކައުންސިލުން އުޖޫރައެއް ނުނަގާގޮތަށް މިފްކޯއާ ހަވާލުކުރުމަކީ އެރަށު ކައުންސިލުން މަސްވެރީންނަށް ދޭ އަހަމިއްޔަތުކަން ހާމަވެގެންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މީދޫގައި އައިސް ޕްލާންޓު ހެދުމަށް އެ ރަށު ކައުންސިލުން ހިލޭ 3000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަން މުއާޒު ފާހަގަކުރެއްވިއެވެ.

"ކައުންސިލުތަކުން ނަގަނީވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެންނަށް އެއިން ފައިދާ ނުވިޔަަސް މަސްވެރީންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަނީ ކޮލެޓީ މަސް ހޯދުމުގެ މަގުސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް،" މުއާޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މީދޫ ކައުންސިލުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދުއަށް މަސްއޮޑިފަހަރަށް އައިސް އަޅަން ދިއުމުން އެ ރަށުގެ އިގުތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

މީދޫ އައިސް ޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ސޮއިކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން މީދޫގެ އިތުރުން ދ. ބަނޑިދޫ އާއި ށ. ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އޭގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެ ކަމަށް މިފްކޯ އިން ބުނެއެވެ.

މިފްކޯ އިން ބުނީ ޖުމުލަ 24 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް އަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އެއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެކެވެ.