ރާއްޖޭގައި މިހާރު ތިބީ 20،500 އުމުރުން ދުވަސްވީ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން، ސްޓެޓިސްޓިކްސް ބިއުރޯއާ ހަވާލާދީ ހައުސިން މިނިސްޓްރީން މިއަދު ނެރުނު އުމުރުން ދުވަސްވީ މީހުންގެ ތަފާސްހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުގައި ރާއްޖޭގައި މިހާރު ތިބީ، އުމުރުން ދުވަސްވީ 10،530 ފިރިހެނުންނާއި 10،023 އަންހެނުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި އެންމެ ގިނައީ، 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނެވެ. އެގޮތުން އެ އުމުރުފުރާގައި 6،335 އަންހެނުންނާއި 6،668 އަންހެނުން އެބަ ތިއްބެވެ.

ރިޕޯޓުގައިވާ ގޮތުގައި، ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންތެރެއިން 60 ޕަސެންޓު މީހުން އުޅެނީ މީހަކާ އިނދެގެންނެވެ. ވަރިވެފައި ތިބި މީހުންގެ ނިސްބަތް އުޅެނީ 11 ޕަސެންޓުގަ އެވެ. އަދި ހުވަފަތްވެފައި ތިބި މީހުން 20 ޕަސެންޓުގައި އުޅޭ އިރު، ދުވަހަކުވެސް މީހަކާ ކައިވެނިނުކޮށް އެއް ޕަސަންޓު މީހުން އެބަ ތިއްބެވެ.

އުމުރުން ދުވަސްވީ މީހުން އެންމެ ގިނައިން ދިރިއުޅެނީ މާލޭގައެވެ. އެއީ 6،669 މީހުންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މީހުން އުޅެނީ އައްޑޫ ސިޓީގައި ކަމަށް އެ ރިޕޯޓުގައި ވެއެވެ.