އިރާނުން އިސްރާއީލަށް ހަމަލާދޭން ފަށައިފިއެވެ.

އިސްރާއީލުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި އިރާނުން އިސްރާއީލަށް މިސައިލް ހަމަލާއެއް ވަނީ ލޯންޗުކޮށްފައެވެ.

އިރާނުން މިސައިލުތައް ފޮނުވާފައިވާ ކަމަށް އިސްރާއީލުން ބުނާ އިރު، މުޅި އިސްރާއީލު ވަނީ ސައިރަންގެ އަޑުން ގުގުމާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލުގެ އާންމުން ރައްކާތެރިކަން ހޯދައި، އެ ތަނެއްގައި އިތުރު މައުލޫމާތު ލިބެންދެން ތިބުމަށް އޮފިޝަލުން ވަނީ އަންގައިފައެވެ.

އިރާނުން އިސްރާއީލަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާއިން މިއަދު ވަނީ އަންގައިފައެވެ. އަދި އިސްރާއީލު އެކަމަށް ތައްޔާރުވުމަށް ވެސް އެމެރިކާއިން އަންގާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ވަނީ މިހާތަނަށް 250 މިސައިލު އިސްރާއީލަށް ފޮނުވާލައިފައެވެ. އެ ހަމަލާތަކުގައި ފޮނުވާލި މިސައިލުތައް އިސްރާއީލުގެ ޑިފެންސް ޑޯމް ތަކުން ގޮއްވާލަމުން ދިޔަ ނަމަވެސް، މަންޒަރުތައް ފެންނަ ގޮތުން ބައެއް މިސައިލުތައް އިސްރާއީލަށް ވެއްޓޭ މަންޒަރު ފެނެއެވެ.