ރާއްޖެއިން ވޯޓާ ބަންކަރިންގެ ހިދުމަތް ހޯދުމަށް ޕެނަމާގެ ބޯޓެއް އަންނަ ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބަނދަރުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކްޓްސް ޓޭންކަރަކުން ބަންކަރިންގެ ހިދުމަތް ހޯދުމަށް ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބޯޓުން ބަންކަރިންއާއެކު އިތުރު ބައެއް ހިދުމަތްތަކެއްވެސް ހޯދަން އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

  • ސާފު ބޯފެން ފޯރުކޮށްދިނުން
  • ޕައިލެޓޭޖްގެ ހިދުމަތްް
  • ފަޅުވެރިން ބަދަލުކުރުން
  • ކާބޯތަކެތި ސަޕްލައި ކޮށްދިނުން
  • ސްޕެއާ ޕާޓްސް ސަޕްލައި ކޮށްދިނުން

ވަޖީހު ވިދާޅުވީ، އެ ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ބައިވެރިވާނެ ކަމަށެވެ.

ވަޖީހު ވިދާޅުވީ، ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއްކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީ، ފަސް ވަރަކަށް ދުވަހު އެ ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކޮށްފާނެ ކަމަށާއި އެހެން އެކަން ދިމާވެއްޖެ ނަމަ އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މެރިޓައިމް ދާއިރާއިން ހިދުމަތް ދިނުމަށް އެމްޕީއެލުން ގާއިމުކުރި "އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ" ނުވަތަ އައިޕީއެސް ގޭޓް ފެސިލިޓީއެއް ހއ. އުލިގަމުގައި ހަދާފައިވެއެވެ. މި ހިދުމަތްތަކާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ums.mv ގެ ނަމުގައި ހާއްސަ ވެބްސައިޓަކާއި 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ އޮއިލް ބަންކަރިންގެ ހިދުމަތް ދެނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ނެދަލޭންޑްސްގެ ވިޓޯލްއާ ގުޅިގެން އެސްޓީއޯއިންނެވެ.

ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ކޮލަންބޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ވައިސީ ބެރިއާ ކިޔާ ބޯޓަކަށް ހިދުމަތް ދީފައެވެ.

ރާއްޖެ އިން ބަންކަރިންގެ ހިދުމަތަށް ފެށި އިރު، ބަންކަރިންގެ ހިދުމަތް ފެށި ޗެނަލުން މިހާރުވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. އޭގެ އެއް ޕަސެންޓަށް ހިދުމަތް ދެެވުނު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.