މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ވެސް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން އެމްއޭސީއެލުން ނިންމާފައިވާކަން އެ ކުންފުނީގެ އޮފިޝަލަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އެމްއޭސީއެލުން މިއަދު ބުނީ މިދިޔަ އަހަރުގެ ބޯނަސް ފައިސާ ދިނުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ މުސާރައާއެކު ކަމަށާއި މިހާރު މުސާރަތައް ޖަމާކުރަމުން އަންނަ ކަމަށެވެ.
އެމްއޭސީއެލުން ބޯނަސް ފައިސާ ދެނީ މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުންނަށެވެ.
ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަހެއް ނުލިބޭނެއެވެ.
އެމްއޭސީއެލުން ފާއިތުވި ދެ އަހަރު ވެސް އަހަރީ ބޯނަސްގެ ގޮތުގައި ދިނީ 25،000 ރުފިޔާއެވެ.
ޚަބަރު
ޚަބަރު