ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން 1،237 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ވިލާ ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާތައް ކުރިއަށް ދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އިއްޔެ ބޭއްވި ހަފްލާތަކުގައި ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަދި ސްކޫލް އޮފް ކޮމްޕިއުޓާ ސްޓަޑީޒްގެ ދަރިވަރުން ހިމެނެއެވެ.
ވިލާ ކޮލެޖުން އިއްޔެ ބުނީ މި އަހަރު 53 ޕްރޮގްރާމްއަކުން ދަރިވަރުން ދަސްވެނިވިފައިވާ އިރު، އޭގެ ތެރެއިން 15 ޕްރޮގްރާމަކީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްއިން ދަސްވެނިވުނު ދަރިވަރުން ކަމަށެވެ. އަދި 38 ޕްރޮގްރާމްއަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނެވެ.
ވިލާ ކޮލެޖުން މިފަހަރު ދަސްވެނިވިގެން ދިޔަ ދަރިވަރުންގެ ތެރެއިން 71 ޕަސެންޓަކީ އަންހެން ދަރިވަރުންނެވެ. އަދި 29 ޕަސެންޓަކީ ފިރިހެން ދަރިވަރުންނެވެ.
ހަފުލާގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ތައުލީމީ މުއައްސަސާއެއް ކަމަށާއި މިދިޔަ އަހަށްވުރެ މި އަހަރު އެ ކޮލެޖުން ދަސްވެނިވިފައިވާ ދަރިވަރުންގެ އަދަދު 10 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވި ގޮތުގައި އެ ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ އެ ޕްރޮގްރާމްތަކުގެ ތެރެއިން ނުވަތަ އެ ޕްރޮގްރާމްތައް ނިންމުމުން ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ގްރެޖުއޭޓް އެޓްރިބިއުޓްތައް އަށަގަންނަ ގޮތަށް ކަމަށެވެ.
އެ ސިފަތަކުގެ ތެރޭގައި ހިމެނޭ އިލްމު ހޯދުމުގެ ގާބިލުކަމާއި ކަންކަން ތަރައްގީކޮށް ކުރިއެރުވުމުގެ ރޫހާއި ފަންނީ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާނެ ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމަށް ހެޔޮ އަސަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަފުލާގައި ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމް ވިދާޅުވީ ދަސްވެނިވި ދަރިވަރުންނާ މެދު ފަހުރުވެރިވާ ކަމަށާއި ދިރިއުޅުމުގައި މޮޅުކަން ހޯދުމަށް ދަރިވަރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިލާ ކޮލެޖަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން އުފެއްދުމަށް އިސްކަންދޭ މުއައްސަސާއެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ވިލާ ކޮލެޖުން 2009-2024ގެ ނިޔަލަށް 21،200 ދަރިވަރުން ދަސްވެނިވިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު