ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުމަށް ދޫކުރާ ހިލޭ އެހީއެކެވެ.

އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ އެހީއަށް އެދި ހުށަހެޅޭ އިރު، އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭނެއެވެ. އޭގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިގުތިސާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގުތިސާދަށް ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތިންވަނަ އަހަރެއްގައިވެސް ހިންގޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް." ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ، ސްޓާޓަޕް ގްރާންޓަށް އެދި 17 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/startup-grant އިން ލިބޭނެ ކަމަށް ބުންޏެވެ.