ކުރީގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދުގެ މުދާތައް ވިއްކާލުމުގެ އަމުރަކަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެ ދައުވާއަކީ ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސް ހިމެނޭގޮތުން، އޭނާ އާއެކު އިތުރު ފަސް މީހެއްގެ މައްޗަށް އެސްބީއައި އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.

އެ ދައުވާގައި ބުނެފައިވަނީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި އެ ފަރާތްތަކަށް 5.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ލޯނު ދައްކަމުން ނުދާތީ، ލޯނުގެ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާއާއެކު މިހާތަނަށް ދައްކަންޖެހޭ ފައިސާ އެކީ އެެއްފަހަރާ ހޯދުމަށާއި، އެ ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެސްބީއައި އިން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

  • ގ. ސިނަމޯ
  • ގ. އަންޒާނީގެ
  • ގ. އަންޒާނީއާގެ
  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ ހުޅުމާލެ ލޮޓު
  • ރިޔާޒު ރަޝީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3، އުޅަނދު
  • މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގައި ރަޖިސްޓްރީކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް1 އަދި ސަންސްޕީޑް 2

މި މައްސަލައާ ގުޅިގެން ދައުވާ ރައްދުވާ ފަރާތްތަކުން، ރައްދުގައި ކޯޓުގެ އިހުތިސާސާ މެދު ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހެޅިއެވެ.

އެގޮތުން އެ ދައުވާއަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓަށް މައުލޫއީގޮތުން ބެލުމުގެ އިހުތިސާސް ލިބިގެންނުވާ ދައުވާއެއް ކަމަށް ކަނޑައަޅައި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެ ފަރާތްތަކުން ވަނީ އެދިފައެވެ.

ނަމަވެސް އެކަމާ ގުޅިގެން ކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އިއްޔެ ނިންމާފައިވަނީ، އެ ދައުވާ ކުރިއަށް ގެންދިއުމުގެ އިހުތިސާސް ކޯޓަށް ލިބިގެންވާ ކަމަށެވެ.