ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުން ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ވިލާ ނޯޓިކާ، މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އެ ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ، އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަން، ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ ނިމިދިޔަ ހައްޖު މޫސުމުގައިވެސް ދިވެހި ހައްޖާޖީންނަށް ސައުދީން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވައި ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ، އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް އަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ސައުދީ އަރަބިއްޔާގެ މުއްސަނދި ތާރީހާއި ތަރިކަ، އަދި އެ ގައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއްވެސް ދައްކާފައެވެ.