މަތީ ތައުލީމު ދޭ ތަންތަނުން ހިންގާ ކޯސްތަކުގެ ހުރިހާ އެސައިންމަންޓަކުން 50 ޕަސެންޓު ފާސްވާން ޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ އެކްރިޑޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއެއްގައި އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ދަރިވަރުންނަށް ހަވާލުކުރާ އެސައިންމެންޓުތައް އެހެން މީހުން ލައްވައި ނުވަތަ ޗެޓްޖީޕީޓީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަދާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. ފިޒާނާ ވިދާޅުވީ އެކަން ހައްލުކުރުމުގެ ގޮތުން، ކޯސްތަކުގައި ހަދާ އިމްތިހާނުތަކުން 50 ޕަސެންޓު ފާސްވެގެން ނޫނީ އެ ކޯހުން ފާސް ނުވެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"50 އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާ ގޮތަށް ހަދައިފިނަމަ އެސައިމަންޓްގެ ބައި ކުޑަވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ. އެސައިމަންޓް ގަތުމުގެ ބައިވެސް ކުޑަވެގެންދާނެ،" ފިޒާނާ ވިދާޅުވިއެވެ
ފިޒާނާ ވިދާޅުވީ އެމްކިޔުއޭއިން އެ ބަދަލު ގެންނަން ނިންމީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެ ނިންމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަތީ ތައުލީމުގެ ގާނޫނުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000 ރުފިޔާއިން އެ ދަރިވަރަކު ޖޫރިމަނާކުރާނެއެވެ. އަދި ފައިސާ ނަގައިގެން އެސައިންމެންޓުތައް ހަދައިދޭ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު