ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަންކޮށް، ބޯޑަށް މެންބަރުން ހޮވައިފިއެވެ.

އެ މަގާމަށް އޭނާ އައްޔަންކުރީ ސަރުކާރުން އެދިގެން މިއަދު ބޭއްވި ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އަށްފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައެވެ.

އީޖީއެމްގައި ހަބީބުގެ އިތުރުން ސ. މަރަދޫފޭދޫ/ ޑޭލައިޓްވިލާ، އަލީ އިރުފާން އާއި ހުޅުމާލެ ފެލްޓް ނަންބަރު 90-2-02/ މުހައްމަދު ޝާހިދު ބީއެމްއެލް ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައެވެ.

  • ސ. ހިތަދޫ/ ނޫވިލާގެ، އަހުމަދު އަލީ ހަބީބު
  • ގ. ސިނަމާލެ 3 35-04/ އަލީ ފާރިސް މުހައްމަދު
  • ބ. އޭދަފުށި/ ފެންއާރު، އާދިލް މޫސާ
  • މ. އެމޭޒަން/ ޑރ. މަރިޔަމް ސުޒީ އާދަމް
  • ސ. މަރަދޫފޭދޫ/ ޑޭލައިޓްވިލާ، އަލީ އިރުފާން
  • ހުޅުމާލެ ފެލްޓް ނަންބަރު 90-2-02، މުހައްމަދު ޝާހިދު
  • ހއ. ފިއްލަދޫ/ ކަރަންކާ ވިލާ، އަބްދުﷲ ނަސީމް
  • މ. ގަސީމް، މޫސާ ރަޝީދު
  • މ. ދާޝީން، ނަޖީމް އިބްރާހިމް ޒަކަރިއްޔާ

އަހުމަދު އަލީ ހަބީބަކީ 17 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރިޒިޑެންޓް އޮން ކެބިނެޓް އެފެއާޒެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެޕޯލޯ ހޯލްޑިންގްސް ގެ ޖެނެރަލް މެނޭޖަރުކަން 15 ޖެނުއަރޫ 2006 އިން 16 ނޮވެމްބަރު 2023 ގެ ނިޔަލަށް ކުރައްވާފައިވެއެވެ.

އަހުމަދު އަލީ ވަނީ އެޗްޑީސީގެ ބޯޑް ޑިރެކްޓަރުކަން 2012 އިން 2019ގެ ނިޔަލަށް ކުރައްވައިފައެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ)ގެ މެންބަރެކެވެ.

މީގެ އިތުރުން އަހުމަދު އަލީ ގެންދަވަނީ މެގަޓޮން ޕްރައިވެޓް ލިމިޓެޑާއި ކޮކާބޯލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދި އެކްސްކުއިޒިޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވަމުންނެވެ.