ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ 8 ވަނަ އެޑިޝަން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފަށައިފިއެވެ.

ސަޓާގެ 8 ވަނަ އެޑިޝަން ބާއްވާފައިވަނީ ކަތަމަންޑޫގެ ދެ ހޮޓަލެއް ކަމަށްވާ މައްލާ ހޮޓަލް އަދި އެލޮފްްޓް ކަތަމަންޑޫ ތަމެލް ހޮޓަލްގައެވެ.

ސަޓާއިން ބުނީ 400 އަށްވުރެ ގިނަ ނޮމިނޭޝަން ހިމެނޭ ސާޓާ 2024 ގައި ދެކުނު އޭޝިއާގެ ޓްރެވަލް ޕާޓްނަރުކަން ތަމްސީލުކުރާ 200 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ފެށި ސަޓާ އެވޯޑްތަކުގެ މަގުސަދަކީ ދެކުނު އޭޝިއާގައި ހޮސްޕިޓަލިޓީ ދާއިރާއިން ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުން ކަމަށް ސަޓާއިން ބުންޏެވެ.

ސާޓާ އެވޯޑުގެ ހާއްސަ ކަމަކީ އެއްވެސް ފީއެއް ނުނަގައި ޕްރޮސެސް ކުރިއަށް ގެންދިޔުމެވެ. ނޮމިނޭޓްވާ ފަރާތްތަކުން އަހަރަކު އެއްފަހަރު މަލްޓިނޭޝަނަލް ޖޫރީއަކަށް ހާޒިރުވާން ޖެހޭއިރު، ޖޫރީ މެންބަރުން ދެކުނު އޭޝިއާގެ އަށަކަށްވުރެ ގިނަ ސިޓީތަކަށް ދަތުރުކޮށް އެ ސަރަހައްދުގެ މެހެމާންދާރީގެ ހުށަހެޅުންތައް ފުރިހަމައަށް ވަޒަން ކުރާނެއެވެ.

ސަޓާއިން ބުނީ ނޭޕާލް ޓޫރިޒަމް ބޯޑް (އެންޓީބީ)އާއި ހޮޓެލް އެސޯސިއޭޝަން އޮފް ނޭޕާލްގެ އެހީތެރިކަމާއެކު މި އަހަރުގެ އެޑިޝަން ބާއްވާއިރު ފާހަގަކޮށްލެވޭ ސްޕޮންސަރުންތަކެއް ހިމެނޭ ކަމަށެވެ. އެގޮތުން ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ގަލްފްކްރާފްޓް، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް (ހަރިމް)، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އަދި ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ދަ ހޯކްސް ހިމެނޭ ކަމަށް ސަޓާއިން ބުންޏެވެ.

ސިލްވާ ޕާޓްނަރުންގެ ތެރޭގައި ބިޒްސްޕޯކް އާއި ރިސޯޓް ލައިފް ޓްރެވަލް ހިމެނޭއިރު، އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ އެލައިޑް އިންޝުއަރެންސް ކަމަށް ސަޓާއިން ބުންޏެވެ.

ސާޓާ އެވޯޑްސް އެކި ސިޓީތަކުގައި ބާއްވަމުން އަންނައިރު، މިހާތަނަށް ވަނީ އެ އެވޯޑް މައުންޓް ލެވިނިއާ، މާލެ، އައްޑޫ ސިޓީ، ބެންގަލޫރު، މުމްބާއީގައި ބާއްވައިފައެވެ.

ސަޓާ އެވޯޑުގެ މިއަހަރު އެޑިޝަން ފެށިއިރު ވަނީ ޓޫރިޒަމް ސިނާއަތުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވައިފައެވެ.

އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ، ކޮންފެޑަރޭޝަން އޮފް އެސޯސިއޭޝަން ޓުއަ އޮޕަރޭޓާސް (ސީއޭޓީއޯ)ގެ ރައީސް ސަންޖީވް ކުމާރު، ނޭޕާލް ޓޫރިޒަމް ބޯޑުގެ ސީނިއާ ޑައިރެކްޓާ ނަންދިނީ ލަހޭ ތައްޕާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ބަންގުލަދޭޝްގެ ޕީޓީއޭގެ ސެކްރެޓަރީ ޖެނެރަލް ތައުފީގު ރަހުމާނެވެ.