މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ މެރިޓައިމް ހިދުމަތްތައް ފުޅާކޮށް، މެރިޓައިމް ހިދުމަތްތަކަކީ ރާއްޖެއަށް އެންމެ ގިނައިން ފައިސާ ވައްދައިދޭ ތިންވަނަ އިންޑަސްޓްރީއަށް ހަދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހއ. އުލިގަމުގައި މިރޭ ބޭއްވި ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ކޮންޓެއިނަރު ބޭލުމުގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތެއް މިހާތަނަށް އެމްޕީއެލުން ފޯރުކޮށްދީފައިނުވާ ކަމަށެވެ. ހަމައެކަނި އެކަން ކޮށްގެން ލިބޭ އާމްދަނީން ހަރަދުތައް ހަމަޖައްސަން ޖެހުމުގެ ސަބަބުން އެމްޕީއެލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުބޮޑުވެގެންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ. މެރިޓައިމް ހިދުމަތްތަކާއެކު އެމްޕީއެލްގެ ހިދުމަތްތަކުގެ އަގު ހެޔޮވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ ރާއްޖެއަށް ފައިސާ ވަންނަ މައިގަނޑު ސިނާއަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށެވެ. ބޮޑު އަދަދަކުން އިގުތިސޯދަށް ފައިސާ ވަންނާނެ އެހެން ސިނާއަތެއް އުފެއްދިފައިނުވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

"އަދުގެ ރައީސް މިހާ ހިސާބަށް އެ ކުރެއްވި މަސައްކަތްތަކަކީ މިހާތަނަށް އެއްވެސް ރައީސަކު ނުކުރައްވާ މަސައްކަތްކަން ގަބޫލުކުރަން ޖެހޭ. އެހެން ނޫންނަމަ އެމަނިކުފާނުގެ ވެރިކަމުގެ 10 މަސް ދުވަހުގެ ތެރޭގައި މިވަރުގެ މަސައްކަތެއް ނުނިމޭނެ. މިކަން ވެގެންދާއިރު ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ވާނީ އިގުތިސޯދަށް ނަފާ ހޯދައިދޭ ތިންވަނަ އިންޑަސްޓްރީއަށް. އަޅުގަނޑުމެން މިކަން ކުރާނަން،" ވަޖީހު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރުތަކަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް ބޭނުންވާ އޮފީސް، އައިއެސްޕީއެސް މިރޭ ހުޅުވި އިރު، ބަންކަރިން ހިދުމަތް ރަސްމީކޮށް މާދަމާ ފަށާނެއެވެ. ރާއްޖޭގެ އެންމެ އުތުރު ކަމަށްވާ އިހަވަންދިއްޕޮޅަކީ ކޮންމެ ދުވަހަކު ވެސް އެތައް ބޯޓުފަހަރެއް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުން ކޮންމެ ދުވަހަކު 200 އަށްވުރެ ގިނަ އާގުބޯޓު ދަތުރު ކުރެއެވެ. އެ ސަރަހައްދަކީ މެރިޓައިމް ހިދުމަތްތަކަށް އެންމެ އެކަށީގެންވާ ސަރަހައްދުކަމަށް ގިނަ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އެ އާގުބޯޓުތަކަށް ބޭނުންވާ ބަންކަރިން އަދި މެރިޓައިމް ހިދުމަތްތައް ދެމުންދަނީ ސަރަހައްދީ ގައުމުތަކުންނެވެ.

އެމްޕީއެލުން ކުރިން ބުނެފައިވަނީ މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ. ރާއްޖެއިން އެ ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ ގޮތުން މެރިޓައިމް ހިދުމަތް ފެށުމުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުމާއި އާމްދަނީ އިތުރުވެގެން ދިއުން ކަމަށް ވެސް އެމްޕީއެލުން ބުނެފައިވެއެވެ.

ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރާ މަސައްކަތުގެ ތެރެއިން ބަންކަރިންގެ ހިދުމަތަކީ އެންމެ މުހިންމު އެއް ހިދުމަތް ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

  • ޕައިލޮޓޭޖް ހިދުމަތް
  • ޔޮޓް ޑޮކިން ސާވިސް
  • ބޯޓު ކުރޫ ބަދަލުކުރުމުގެ ހިދުމަތް
  • ފެނަކަ ކުންފުންޏާ ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ހިދުމަތް
  • ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމުގެ ހިދުމަތް
  • ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ހިދުމަތް
  • އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުން
  • ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް