ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރުތަކަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް ބޭނުންވާ އޮފީސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް މިރޭ ހުޅުވައިފިއެވެ.

ހއ. އުލިގަމުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އައިއެސްޕީއެސް ގޭޓް އިފުތިތާހުކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އުލިގަމުގެ މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒް އިދުރީސް އާދަމެވެ.

އެ އޮފީހުން، އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގައެއް ކަނޑައަޅާފައިވެއެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ، ޑިޓެންޝަން ރޫމެއް ވެސް ވަނޯ ގާއިމުކޮށްފައެވެ.

މީގެ އިތުރުން އެ އޮފީހަށް ވަންނަ ފަރާތްތައް ސްކްރީން ކުރުމަށް ސެކިއުރިޓީ ސްކްރީން މެޝިން ވެސް ވަނީ ބަހައްޓައިފައެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މި އޮފީސް މެދުވެރިކޮށް 14 ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އެ ހިދުމަތްތައް ދިނުމުގެ ގާބިލްކަން އެބަ ހުރި ކަމަށެވެ.

ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރުތަކަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް ބޭނުންވާ އޮފީސް، އައިއެސްޕީއެސް މިރޭ ހުޅުވި އިރު، ބަންކަރިން ހިދުމަތް ރަސްމީކޮށް މާދަމާ ފަށާނެއެވެ.

ރާއްޖޭގެ އެންމެ އުތުރު ކަމަށްވާ އިހަވަންދިއްޕޮޅަކީ ކޮންމެ ދުވަހަކު ވެސް އެތައް ބޯޓުފަހަރެއް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުން ކޮންމެ ދުވަހަކު 200 އަށްވުރެ ގިނަ އާގުބޯޓު ދަތުރު ކުރެއެވެ.

އެ ސަރަހައްދަކީ މެރިޓައިމް ހިދުމަތްތަކަށް އެންމެ އެކަށީގެންވާ ސަރަހައްދުކަމަށް ގިނަ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އެ އާގުބޯޓުތަކަށް ބޭނުންވާ ބަންކަރިން އަދި މެރިޓައިމް ހިދުމަތްތައް ދެމުންދަނީ ސަރަހައްދީ ގައުމުތަކުންނެވެ.

އެމްޕީއެލުން ބުނީ ރާއްޖެއިން އެ ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ ގޮތުން މެރިޓައިމް ހިދުމަތް ފެށުމުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުމާއި އާމްދަނީ އިތުރުވެގެން ދިޔުން ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރާ މަސައްކަތުގެ ތެރެއިން ބަންކަރިންގެ ހިދުމަތަކީ އެންމެ މުހިންމު އެއް ހިދުމަތް ކަމަށް އެމްޕީއެލުން ބުންޏެވެ.

އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ހިދުމަތް ދޭ އިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ހިދުމަތެއް ދޭނީ އެމްޕީއެލުންނެވެ. އެމްޕީއެލްއިން ވަނީ އެ ހިދުމަތް ދިނުމަށްޓަކައި އެކަމަށް ހާއްސަ ވެބްސައިޓެއް ވެސް ތައާރަފްކޮށްފައެވެ.

  • ޕައިލޮޓޭޖް ހިދުމަތް
  • ޔޮޓް ޑޮކިން ސާވިސް
  • ބޯޓު ކްރިއު ބަދަލު ކުރުމުގެ ހިދުމަތް
  • ފެނަކަ ކުންފުންޏާ ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ހިދުމަތް
  • ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމުގެ ހިދުމަތް
  • ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ހިދުމަތް
  • އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުން
  • ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް