މާލޭގައި ގެއެއްގެ ތެރޭގައި މީހަކު ހިފަހައްޓައިގެން ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައިގައި ސިފައިންގެ ދެ މީހަކު ހިމެނޭ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ރަހީނުކޮށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއްދީ، ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން އޭނާގެ ވައަތު ފައިގެ ކުޑަވައި އިނގިލީގެ ދެވަނަ ބަދައާ ހިސާބުން ބުރިކޮށްލި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ޝިފާއު ވިދާޅުވީ، އެ މީހާ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 25 ވަނަ ދުވަހާ ހަމައަށް މާލޭގެ ދެ އެޕާޓްމެންޓެއްގައި ރަހީނުކޮށްގެން ގެންގުޅުނު ކަމަށާއި އޭނާގެ ނުރުހުމުގައި އޭނާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވި ކަމަށެވެ. އަދި އެ މުއްދަތުގައި އޭނާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރައި ވައަތު ލޯ ދުޅަވެ ނޫފައިގަނެފައި ހުރި. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތައް ފެންނަން ހުރި،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛

  • އަލީ ސާމީ، 24އ، ރ. ކަނދުޅުދޫ
  • އަހްމަދު ސާއިފު ވަހީދު، 18އ، ގދ. ގައްދޫ
  • މުހައްމަދު ނައުޝާން ހުސައިން، 21އ، ތ. ތިމަރަފުށި
  • މުހައްމަދު ނަފާހު، 23އ، ކ. މާފުށި،
  • އަހްމަދު ޒަޔާން، 24އ، ލ. ގަން

މި ފަސް މީހުންގެ ތެރެއިން ނަފާހު ފިޔަވައި އެހެން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު، ނަފާހު ބަންދުކޮށްފައިވަނީ ތަހުގީގު ނިމެންދެނެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ނަފާހު އާއި ޒަޔާނަކީ އެމްއެންޑީއެފްގައި މަސައްކަތްކުރަމުންދާ ދެ މީހުންނެވެ. އަދި އެކަން އެމްއެންޑީއެފްއާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެމްއެންޑީއެފުން އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ އެ ފަސް މީހުންގެ އިތުރަށް މި މައްސަލައިގައި ތިން ކުޑަކުއްޖަކު ޝާމިލުވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.