ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު 5 ވަނަ ދުވަހެވެ. ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ކުލަގަދަ ގިނަ ހަރަކާތްތަކެއް ސުކޫލުތަކުން ކުރިއަށްގެންދާ އިރު، އެ ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާކަމުގެ ކަންބޮޑުވުން އަބަދުވެސް ބައެއް ބެލެނިވެރިން ކުރެއެވެ. އަދި އެހެން ހަރަކާތްތަކަށް ވެސް ބެލެނިވެރިންގެ އަތުން ފައިސާ ނަގާ ކަމުގެ ޝަކުވާ ކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް މުދައްރިސުންނަށް ހިތްވަރާއި ތަރުހީބު ލިބޭ ފަދަ ގޮތަކަށް މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތައް ރޭވުމަށް އެދޭ ކަމަށެވެ.

އެ ދުވަހުގެ ހަރަކާތްތައް ރޭވުމުގައި އަމަލުކުރާނެ އިރުޝާތުތައް ވެސް އެ ސާކިއުލާގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަކުރުން
  • ދިގު ދެމިގެންދާ ގޮތަށް ހަރަކާތްތައް ނުރޭވުން
  • ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އަންނަ މަހުގެ 6 އިން 10 ވަނަ ދުވަހު ދުވަހެއް ކަނޑައެޅުން
  • ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުން
  • ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް، ކިޔަވައިދޭ ދަންފަޅި ކުރުނުކޮށް ހަރަކާތްތައް ގެންދިއުން
  • ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުން
  • ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން
  • ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުންނާއި ބެލެނިިވެރިންގެ އަތުން އެއްވެސް ފައިސާއެއް ނުނެގުން
  • ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުން