ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު، ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރުމަށްޓަކައި ސަރުކާރުން އޭނާގެ ނަން ފޮނުވައިފިއެވެ.

ސަރުކާރުން އެދިގެން އަންނަ ހޮނިހިރު ދުވަހު ބާއްވާ ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް)ގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރާނެއެވެ. މީގެ ކުރިން ސަރުކާރުން ފަރާތުން ބޯޑަށް އައްޔަން ކުރަން ފޮނުވާފައި އޮތީ ހުޅުމާލެ ފްލެޓް ނަންބަރު 90-2-02/ މުހައްމަދު ޝާހިދާއި އައްޑޫ ސިޓީ/ ހިތަދޫ، ޑޭލައިޓްވިލާ/ އަލީ އިރުފާންގެ ނަމެވެ.

ނަމަވެސް ބީއެމްއެލް އިން މިއަދު ވަނީ އީޖީއެމްގެ އެޖެންޑާއަށް ބަދަލެއް ގެނެސް، ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހަމަޖައްސަން ހުށަހެޅި ދެ ބޭފުޅުންގެ އިތުރަށް ކެބިނެޓް ސެކްރެޓަރީ އަހުމަދުގެ ނަން އިތުރުކޮށްފައެވެ.

އަހުމަދު އަލީ ހަބީބަކީ 17 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރިޒިޑެންޓް އޮން ކެބިނެޓް އެފެއާޒެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެޕޯލޯ ހޯލްޑިންގްސް ގެ ޖެނެރަލް މެނޭޖަރުކަން 15 ޖެނުއަރޫ 2006 އިން 16 ނޮވެމްބަރު 2023 ގެ ނިޔަލަށް ކުރައްވާފައިވެއެވެ.

އަހުމަދު އަލީ ވަނީ އެޗްޑީސީގެ ބޯޑް ޑިރެކްޓަރުކަން 2012 އިން 2019ގެ ނިޔަލަށް ކުރައްވައިފައެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ)ގެ މެންބަރެކެވެ.

މީގެ އިތުރުން އަހުމަދު އަލީ ގެންދަވަނީ މެގަޓޮން ޕްރައިވެޓް ލިމިޓެޑާއި ކޮކާބޯލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދި އެކްސްކުއިޒިޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވަމުންނެވެ.