ގަސް އިންދުން އިތުރުކުރުމަކީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަަރުތަކަށް އޮތް ހަރަދުކުޑަ ހައްލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ އޯޒޯން ދުވަހާ ގުޅުވައިގެން، އެކްސް މެދުވެރިކޮށް ދެއްވި ހާއްސަ މެސެޖެއްގައެވެ.

"ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހަރަދުކުޑަ ޔަގީންކަން ބޮޑު ހައްލެކެވެ..،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު ރައީސް ވަނީ ހާއްސަ ޕްރޮގްރާމެއް ފައްޓަވައިދެއްވައިފައެވެ. މިއަހަރުގެ ޖޫން މަހު ރައީސް ފެއްޓެވި އެ ޕްރޮގްރާމުގައި އެކި ކުންފުނިތަކާއި ޖަމިއްޔާތަކުން އަންނަނީ ބައިވެރިވަމުންނެވެ.

އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުގައި 90 އަށްވުރެ ގިނަ ވައްތަރުގެ ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި، ކާބަން ނަގާ މިންވަރު ވަޒަންކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކެވެ. އެ ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށްޓަކައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.