ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއި ހިފަހައްޓަވަމުންގެންދަވާ އަހުލާގީ މިންގަނޑުތަކާއި ގެންގުޅުއްވާ ހަރުދަނާ އިގުތިސާދީ އިޖުތިމާއީ ސިޔާސަތުތަކާއެކު ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް ކަމަށް ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފު ކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިންމު ބޮޑެތި ބަދަލުތަކެއް ހުރީ ނުގެނެވި ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެންނަންޖެހިފައިވާ ހުރި މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށް ބުންޏެވެ.
ޕީއެންސީން ބުނީ، ރައީސް މުއިއްޒު ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާ ގޮތަށް ބަދަލުކުރެއްވުމާއި އިންތިހާބުތައް އެއް ތާރީހެއްގައި ބާއްވާ ގޮތަށް ނިޒާމު ބަދަލުކުރުން ފަދަ ކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންތައްތަކެއް ކަމަށެވެ.
އޭގެ އިތުރުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަކޮށް ހަރުދަނާކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭކަން ކަށަވަރުކުރައްވައި، "މޯލްޑިވްސް ފަސްޓު" ސިޔާސަތު ތައާރަފުކުރައްވައި، މުއައްސަސާތަކުގެ މިނިވަންކަން ރައީސް ކަށަވަރުކޮށްދެއްވި ކަމަށް ބުންޏެވެ.
އޭގެ އިތުރުން ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވައި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމްދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހިކުރެއްވި ކަމަށްވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ، ރައީސް އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވަމުން ކަމަށެވެ.
އަދި ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ގައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަހުލާގީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް އަމަލުފުޅުންނާއި ބަސްފުޅުން ތަމުސީލު ކޮށްދެއްވަމުން ކަމަށްވެސް ބުންޏެވެ.
"އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަންކުރެއްވޭނެކަން އެ މަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެއްވަމުންނެވެ.،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު