ފުވައްމުލަކު ސީޓީގައި ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުމުގެ ތެރޭގައި ވެއްޓި ތަޅައިގެން ގޮސް އަނިޔާވި އެކަކު މާލެ ގެނެސްފިއެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ ބޯޓަކުން މުދާ ސަޕްލައި ކުރާ ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ކައްސާލައި އޭގެ ދަށުވެ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

"ބޭރު ދެ މީހުންނަށް އެންމެ ބޮޑު އަނިޔާއެއް ލިބުނީ. ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހެއް. އޭގެތެރެއިން އިންޑިޔާ މީހާ ދަށުވެފައި އޮތީ. އެތަނުން އެކަކު އުނަގަނޑުގެ ތިން ދިމާލަކުން ބިންދައިގެން ގޮސްފައި ހުރި ކަމަށް އަދި ފައިގެ ދެތިން ތަނަކުން ބިންދައިގެން ގޮސްފައި ހުރި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވަނީ. ދެން އަނިޔާ ލިބުނީ ލ. ގަމު މީހެއް. އެއީ ސަޕްލައި ދޯނީގެ ފަޅުވެރިއެއް. ދެން ހުރީ މިސިޓީގެ (ފުވައްމުލަކު) މީހެއް. ދިވެހި ދެ މީހުންނަށް ސަސްޓެއިން އިންޖަރީޒްތަކެއް ލިބިފައި ހުރީ . އަތުންނާއި ފައިން ތަންތަންގަނޑު ކަފަކަފައި ގެންގޮސްފައި އެބަހުރި. ކަށްޓަކަށް ޑެމޭޖެއް ލިބިފައި ހުރި ކަމެއް ނޭނގެ،" ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ "ވަން" އަށް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 9:32 ހާއިރު ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް އުފުލަން އުޅުނު ދެ ބިދޭސީން އަދި ދެ ދިވެހީންނަށް އަނިޔާވި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ބިދޭސީއަކު ވަނީ މިއަދު ހަވީރު އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ، އޭނާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައެވެ.

އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދިވެހި ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި ބިދޭސީ މީހާގެ ބައެއް އޮޕަރޭޝަންސްތައް ކުރަން ހުރުމުން، އޭނާއަށް އަދިވެސް އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.