ފިޔާގެ އިތުރު ޝިޕްމަންޓުތައް ގެނެސް، މިއަދު މާލޭގެ ބާޒާރަށް ނެރެފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ދުވަސްކޮޅު މާލޭ ބާޒާރުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ، އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު، އިންޑިއާއިން ފިޔާ އެތެރެކުރުމަށް ޝޯޓޭޖެއް އުޅޭތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ޝޯޓޭޖް އުޅެނީ ހަމައެކަނި ދިވެހިރާއްޖެއަކަށް އެކަންޏެއް ނޫން. އަވަށްޓެރި ސްރީލަންކާއަށް ވެސް އިންޑިއާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ހަބަރު ލިބޭ. އެހެންނަމަވެސް މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދޭ،" ވަޖީހު ވިދާޅުވިއެވެ.
އެކަމަށް ހައްލު ގެނައުމަށް އިންޑިއާއިން އައި ދެ ބޯޓު ކަމަށްވާ ބުލޫހާ އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާ، ޖުމުލަ 6280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން ގެންދާ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އޭގެ އިތުރުން އިންޑިއާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ މާކެޓަށް ނެރޭނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖަނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުން ވެސް ވަނީ އައްޑޫ ސިޓީގެ މާކެޓަށް 1180 ބަސްތާ ފިޔާ ނެރެފައެވެ.
އިންޑިއާގެ މޫސުން ގޯސްވާ ބައެއް ފަހަރު، އިންޑިއާގެ ދަނޑުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން އިތުރަށް ފިޔާ ނުލިބުމުގެ ސަބަބުން ވިޔަފާރިވެރިންގެ އަތުގައި ހުންނަ ފިޔާ ބަސްތާ އަގުބޮޑުކޮށް ވިއްކައެވެ. މިއަދު ގިނަ ވިޔަފާރިވެރިން ފިޔާ ކިލޯއެއް ވިއްކީ 40 ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު