މާލޭގެ ގެސްޓު ހައުސްއަކުން ޒަހަމްތަކަކާއެކު ފެނުނު މީހާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގެ ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ޒަހަމްތަކަކާ އެކު މީހަކު ފެނިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން މިއަދު ބުނީ، އެ މީހާއާ މެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ، ކ. ތުލުސްދޫ، ޕެރިސް ފައުޒާން ޒަރީރު 23އ. އާއި މއ. ވޮއްކޮޅުގެ އަހުމަދު މާޒިން އިބްރާހިމް 23އ. އެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.