ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ބައިވެރިންނަށް ކޮންމެ މަހަކު 6000 ރުފިޔާ އަދި ރަމަޟާން މަހުގެ ބޯނަސްގެ އިތުރުން ޕެއިޑް ލީވް ލިބޭނެއެވެ.

ބީއެމްއެލް އިން ބުނީ، އެ އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނަށާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ އިދާރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.

އަދި އިންޓާންޝިޕްގެ މުއްދަތުގައި ބައިވެރިންނަށް ދޭ ތަޖުރިބާއާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ޔުނިޓުތަކާއި ބްރާންޗުތަކާއި ޑިޕާޓްމަންޓް ތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ދަރިވަރުންނަށް މި މަހުގެ 17ގެ ކުރިން https://careers.bankofmaldives.com.mv މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އަދި އިންޓާންޝިޕްގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/work-with-us/graduate-internship-program އިން ލިބޭނެއެވެ.