ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން އިން ރާއްޖެއަށް ދީފައިވާ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް ބަދަލުކޮށްފިއެވެ.

ސީއޭއޭ-2 ރޭޓިންއަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

ރާއްޖެއަށް ދީފައިވާ ރޭޓިން މުރާޖައާ ކުރިކަން އިއުލާންކޮށް މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމައިފައެވެ. އެ ޕްރޮސެސްއަށް އާންމުގޮތެއްގައި ތިން ވަރަކަށް މަސް ނަގާނެއެވެ.

ރޭޓިން ދަށްކުރިކަން އިއުލާންކޮށް މޫޑީސް އިން ނެރެފައިވާ ބަޔާނުގައި ބުނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިވިއުކުރާ މުދައްތުގައި ގައުމު ޑިފޯލްޓަކަށް ނުގޮސް ސަލާމަތް ކުރަން ފުރުސަތު ހޯދުމަށް ބައިލެޓްރަލް ފައިނޭންސިން ނުވަތަ ރާއްޖޭއާ ގާތް ގައުމުތަކުން ފައިނޭންސް ހޯދަން ވަގުތު ލިބޭނެ ކަމަށާއި އަދި ސަރުކާރުން އަޅަން ނިންމާފައިވާ ރިފޯމު ފިޔަވަޅުތައްވެސް އެޅުމަށް ވަގުތު ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭ ރާއްޖެއިން ދައްކަންޖެހޭ ބޭރު ދަރަނި ދެއްކޭނެ ވަރުގެ މާލީ ގާބިލުކަން ރާއްޖޭގައި ހުރި ކަމަށް އެ އެޖެންސީއަށް ގަބޫލުނުކުރެވުމެވެ.

އެގޮތުން ރާއްޖެ އިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭ ގޮތުން، ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވުމާއި ކަރަންޓް އެކައުންޓް ޑެފިސިޓާއި ބަޖެޓު ޑެފިސިޓުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާކަން މޫޑީސް އިން ބުންޏެވެ.

ރާއްޖެއަށް ދީފައިވާ ރޭޓިން މޫޑީސް އިން ދަށްކުރި އިރު، ސަރުކާރުން ދަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށައިފައެވެ.

އަދި ސަރުކާރުން ލަފާކުރި ލަފާންކުރުންތަކަށް ވުރެ ރިޒާވުގެ އަދަދު ރަނގަޅުވަމުން އަންނަ ކަމަށާއި އިސްލާހީ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިގުތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ވެސް މިފަހުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް ދަށްކޮށްފައެވެ.