ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ހުރިހާ ތަނެއް ބަލައި ފާސްކުރަން ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ފަށައިފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ އެ އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ހިމެނޭ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި އެފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާ މެދު ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން އިއްޔެ ބިދޭސީން ދިރިއުޅޭ ތަންތަނާއި އެފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށްވެސް ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައި މިވަނީ ހެންވޭރު، ސޯސަންމަގު ކޮޅުގައި ހުންނަ ގާމަގު ކެފޭ (ދޫހިމިރި) ގޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، 15 ބިދޭސީން އެތަނެއްގައި ދިރިއުޅެމުން ގެންދިޔަ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު