ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކޮށްފައިވަނީ މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރި ކަމަކުން ނޫން ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، އަލަށް އެކުލަވާލި ފޮރިން އިންވެސްޓްމެންޓްގެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން، އެ ބިލުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަންނާނެ ހެޔޮ ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިޗުން ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ގައެވެ. އެއީ މި އަހަރުގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު ފިޗުން ވަނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައެވެ.
ގާނޫނެއް ހެދި ނަމަވެސް ރާއްޖެއަށް ފޮރިން އިންވެސްޓަރުން އައުމުގައި ރާއްޖޭގެ އިގުތިސާދު ރަނގަޅުވުން ހިމެނޭއިރު މިއަހަރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ރޭޓިން ފިޗުން ދަށްކޮށްފައިވުމަކީ ގޮންޖެހުމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސައީދު ވިދާޅުވީ ފިޗުން އެ ބުނަނީ މި ސަރުކާރުގެ ވާހަކައެއް ނޫން ކަމަށެވެ. އަދި ފިޗުގެ ރޭޓިން ދަށްވުމަކީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުގެ ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ވާހަކައެއް ނޫން ފިޗުން ބުނެފައި އެ ވަނީ، ފިޗުން ބުނަނީ ނުކަތާ ވަރަށް ފައިސާ ޗާޕުކޮށްފައި ހުރި ވާހަކައާއި ނުކަތާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުކޮށްފައި ހުރި ވާހަކައާއި އެކްސްޕެންޑިޗާ ނެޝަނަލައިޒް ނުކުރާ ވާހަކައާއި އާމްދަނީ އިތުރުކުރުމުގައި މި އޮތް ހުރިހާ ޒަމާނެއްވީއިރުވެސް އިތުރު ގޮތްތަކެއް ހޯދާފައި ނެތް ވާހަކަތައް، މޫޑީޒުންނާއި އައިއެމްއެފުންނާއި ވޯލްޑް ބޭންކުންވެސް ތަކުރާރުކޮށް ބުނަނީ އެ ވާހަކަ،" ސައީދު ވިދާޅުވިއެވެ.
އެ ފަރާތްތަކުން އެކަންތައް ފާހަގަކުރި ނަމަވެސް ސައީދު ވިދާޅުވީ މިހާ ހިސާބަށް އައިއިރު އެއްވެސް ސަރުކާރަކުން އާމްދަނީ ޑައިވާސިފައި ކުރަން ކަމެއް ކޮށްފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރަށް ނުވަ މަސް ވެެގެންދިޔައިރު، ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރުމަށް ބޮޑެތި ކަންތައްތަކެއް ކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.
"މި ސަރުކާރުން މި މަހު 12 ވަނަ ދުވަހު ބަންކަރިންގެ ހިދުމަތަށް މި ވަންނަނީ، މި ސަރުކާރު އިކޮނޮމިކް އެކްރިކަލްޗާ ޒޯނެއް 250 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ޑިސެމްބަރު މަހު މި ފަށަނީ، މި ސަރުކާރުން އިންޓަނޭޝަނަލް ފައިނޭޝަން ސާވިސަސް އޮތޯރިޓީގެ ގަވާނިން ބޯޑެއް އެކުލަވާލައި، ގަރާރަކުން އުފައްދަވައިފި. ބަހުރެއިން، ގަތަރު، ޔޫއޭއީ، ސިންގަޕޯ ފަދަ ގައުމުތަކަށް ޒިޔާރަތް ކޮށްގެން އާ ބިލެއް އެ އޮތީ އެކުލަވާލައި މަޖިލީހަށް އެ ދަނީ،" މި ސަރުކާރުގެ މަޝްރޫއުތައް ފާހަގަކުރައްވައި ސައީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރަށް ނުވަ މަސް ދުވަހުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓް ބިލެއް ވުޖޫދަށް ގެނެސްފައިވާއިރު އެއްވެސް ފޮރިން ޕޭމެންޓެއް ޑިފޯލްޓް ނުވެ 70 މިލިއަން ޑޮލަރުގެ ޑިޕޮސިޓެއް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އެބަހުރި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު