ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ދިރުއުޅޭވޭނެ ތަންތަން ގަނެވޭނެ ގޮތަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމު ފެށުމުން ރާއްޖޭގެ އިގުތިސޯދަށް ވަންނަ ޑޮލަރު އިތުރުވާނެ ކަމަށެވެ.
"ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެންމެ ފުންނާބު އުސް ބައެއް ކުންފުނިތަކާ ރެޒިޑެންސީ ޕްރޮގްރާމްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން މިކަން ކުރާނީ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންސީ މާކެޓުކޮށްދޭ ބަޔަކާ އެކު ކަމަށާއި މިހާރުވެސް އެފަދަ ފުރުސަތަކަށް އެދި ބައެއް ރިސޯޓްތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމަކީ ދުނިޔޭގެ އެކި ގައުމުގައި ވަރަށް ބޮޑަށް ފުޅާވެފައި އޮތް ވިޔަފާރިއެއް ކަމަށާއި އިންވެސްޓަރުންނަށް ރެޒިޑެންސީ ދިނުމަށް ނިންމީ ރާއްޖޭގައި ވެސް އެ މާކެޓް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން ދުބާއީ އާއި ސިންގަޕޫރު ފަދަ ތަންތަން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްގެ ދަށުން ފުރުސަތު ދޭ ފަރާތްތަކުގެ ސޯސް އޮފް އިންކަމް ކަށަވަރު ކުރާނެ ކަމަށާއި ރާއްޖެއަށް، އެކަމުން އެއްވެސް ގެއްލުމެއްވާ ފަރާތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.
އިންވެސްޓާ ރެޒިޑެންސީއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ރެޒިޑެންސީ ވިސާ އެއް ދިނުމެވެ.
އިންވެސްޓާ ރެޒިޑެންސީ އަށް މަޝްހޫރު ގައުމުތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ތުރުކިއޭ، ޖޯޑަން، ކެމްބޯޑިއާ، ހަންގޭރީ، ގްރީސް، މިސްރު، ޕެނަމާ، ސިންގަޕޫރު، އެމެރިކާ ފަދަ ގައުމުތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު