ނުރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ބޭނުން ކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ނުރަސްމީ ދަތުރުފުޅުތަކުގެ ހަރަދާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދެއްވުމުގެ ގޮތުންނެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް ކުރެއްވި ހުރިހާ އަމިއްލަ ދަތުރުފުޅަކަށް އެ މަނިކުފާނާއި އަނބިކަނބަލުން އަދި ބޭފުޅުންގެ ހަރަދުތައް ކުރައްވާފައިވާނީ އަމިއްލަފުޅު ފައިސާ ކަމަށެވެ.
"އުސޫލުގައި އޮންނަ ގޮތުން މުލިއާގެ ހަރަދުން އަޅުގަނޑުގެ ހަރަދު ކުރެވޭ. އެކަމަކު މިއަދާ ހަމައަށްދިޔަ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓުވިޔަސް، އެކޮމޮޑޭޝަން ވިޔަސް، އެއްވެސް ހަރަދެއް، އަޅުގަނޑުގެ ވިޔަސް، އަޅުގަނޑު އަންހެނުންވިޔަސް ކުދިން ވިޔަސް އެއްވެސް މީހެއްގެ ހަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނުހުންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެ ފުރުސަތު އޮތަސް އޭގެ ބޭނުން ހިފާކަށެއް،"
ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ކިރިޔާވެސް ވާން އޮތް ނަމަ އަމިއްލަފުޅަށް ކަންތައް ކުރައްވާ ބޭފުޅެއް ކަމަށާއި އެގޮތުން ރަސްމީގެކޮޅު، މުލިއާގެ މަރާމާތުކޮށް ނިމެންދެން އަމިއްލަފުޅު ގެ، ދިމްޔާތުގައި ހުންނެވީވެސް އަމިއްލަފުޅު ހަރަދުގައި ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު