އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ފޭކު ސެޓުފިކެޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްކިޔުއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އޯ ލެވެލް އަދި އޭ ލެވެލްގެ ފޭކު ސެޓްފިކެޓުތަކެއް ދައުރުވަމުންދާތީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމެންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯ ލެވެލް އަދި އޭ ލެވެލް ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
އެމްކިޔުއޭ އިން މިއަދު ކުރި އެހެން އިއުލާނެއްގައި ބުނީ ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ "ލޯކަލް" ސަނަދުތަކުގައި "ރިކޮގިނިޝަން" ތައްގަނޑު ޖެހުން 2016 ސެޕްޓެމްބަރު 01 އިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.
"މި އޮތޯރިޓީގެ ދެ ހިދުމަތަކަށް އެދި ދެ ފަރާތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއެކު މަތީ ތައުލީމު ދޭ މަރުކަޒެއްގެ ފޭކް ސަނަދެއް ފާހަގަ ކުރެވިފައިވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން އެ ފަރާތްތަކާއެކު މަޝްވަރާ ކުރުމުން އެ ފަރާތްތަކުންވެސް ވަނީ މި ދެ ސަނަދަކީ ފޭކު ދެ ސަނަދެއްކަން މި އޮތޯރިޓީއަށް ކަށަވަރުކޮށްދީފަ އެވެ" އެމްކިޔުއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ، އޭގެ ތެރެއިން އެއް ސަނަދަކީ ޓީޗިން ދާއިރާއާ ގުޅުންހުރި ސަނަދެއް ކަމުގައިވާތީ ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ ދިނުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކަމާގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު