ރާއްޖޭގެ މާލީ ދާއިރާ އަށާއި ބޭރު ފައިސާ ހޯދަން ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ފެށުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މިއަދު ވަނީ ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކޮށްފައެވެ.
ފިޗުގެ ރޭޓިން އާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގުތިސާދީ ދުޅެހެޔޮކަން ދެމެހެއްޓޭނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓަރުތަކުގެ ހިރާސްތައް ހުރި ކަމަށް ބެލެވޭތީ ފިޗުން ނެރުނު ރޭޓިންއެއް ކަމަށެވެ.
ނަމަވެސް ފިޗުގެ ރޭޓިން ރިޕޯޓުގައި ފާހަގަކޮށްފައިވާ މާލީ ދާއިރާއަށާއި ބޭރު ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭގޮތެއްގައި ރިފޯމްކޮށް މެދުރާސްތާއަށް ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރުން ދައުލަތުގެ މާލީ ހާލަތާއި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް ހައްލުކުރުމަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއާޕޯޓް ޓެކުހާއި ފީ އާއި، ގްރީން ޓެކުހުގެ ރޭޓުތަކާއި ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތިކުރުން ހިމެނޭއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ގާނޫނު އިސްލާހުކޮށް ޓެކްސް ބޭސް ފުޅާކުރެވިގެންދާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، އާމްދަނީގެ ސިޔާސަތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ މިންވަރުވެސް އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވްއާއި އެކްސްޓާނަލް ސެކްޓަރަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ބޭރު ފައިސާ އިން އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކެއް އެކުލަވާލާ ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފުތައް ކުޑަކޮށް އެފިޝަންޓްކުރުމާއި އިންޑިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހޭ ފަރާތްތަކަށް އަމާޒުކޮށް ދެވޭ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމާއި ސިއްހީ އިންޝޫރަންސްގެ ނިޒާމު ހަރުދަނާކުރުމާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކުލި ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ފިއުލް ހެޖިންއާބެހޭ ސިޔާސަތު ތަންފީޒުކުރުމާއި ސަރުކާރުގެ ޑިސްކްރެޝަރީ ހަރަދުތައް ކުޑަކުރުމަށް ރާވާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން މި އަހަރުގެ ތެރޭގައި މިފްކޯއަށް މަހުގެ އަގު ހިފެހެއްޓުމަށްޓަކައި ދެމުންދާ ސަބްސިޑީ މުރާޖައާކޮށް، ބަލްކް ޕްރޮކިއުމަންޓް ނިޒާމު މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެ އެތެރެކުރަން ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މާލީ ސިޔާސަތުތަކަށް ބަދަލު ގެންނަނީ އެ މިނިސްޓްރީ ބުނި ގޮތުގައި ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
"މި ސިޔާސަތުތައް ތަންފީޒުވެ، މި އަހަރާއި މެދުރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިގުތިސާދަށް އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއެކު ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރެވޭނެއެވެ. މިގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމުލަ ދަރަނި 90 އިންސައްތައަށްވުރެ ކުޑަކުރެވޭނެއެވެ. މިއާއެކު މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްބެލެވެއެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު