ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރުމަށް، އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އެ ޓްރައިބިއުނަލްގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މެންބަރުން ވަކިކުރުމާ ގުޅިގެންނެވެ.
އެއީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 17 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިގުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު